އެމްޑީޕީ އިއްތިހާދުގެ ރިޔާސީ މެނިފެސްޓޯ ނެރުމުގެ ރަސްމިއްޔާތު.


އެމްޑީޕީ އިއްތިހާދުގެ ރިޔާސީ މެނިފެސްޓޯ އާދެ! އަނެއްދިވެހިރާއްޖޭގެ އިބާރާތުންނަމަ، "ރިޔާސީ ދުސްތޫރު" އާންމުކުރުމުގެ ރަސްމިއްޔާތު 2008 ސެޕްޓެމްބަރ 23 ވީ އަންގާރަދުވަހުގެރޭ 9.30 ގައި އާރޓިފިޝަލްބީޗްގައި ވަރަށް ކުލަގަދަކޮށް ބޭއްވިއްޖެއެވެ. މިއީ ވަރަށް ފުރިހަމަކޮށް ބޭއްވުނު، ވަރަށް ކާމިޔާބު ރަސްމިއްޔާތެކެވެ. މިރަސްމިއްޔާތުގައި އެމްޑީޕީ އިއްތިހާދުގެ ކެނޑިޑޭޓް އަލްފާޟިލް މުހަންމަދު ނަޝީދު (އަންނި) ގޮވާލެއްވީ، ވެރިކަން ފޮރަޅާލުމުގެ މަރުހަލާ ރައީސް މައުމޫނު ފައްޓަވައި ދެއްވުމަށެވެ. އަދި އެމަރުހަލާއަކީ ވަރަށްނާޒުކު މަރުހަލާއެއް ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ޑޮކްޓަރ މުހަންމަދު ވަހީދުހަސަން ވަރަށް ތަފްސީލުކޮށް މިއިއްތިހާދުގެ ރިޔާސީ މެނިފެސްޓޯ ތަފްސީލުކޮށް ބަޔާންކޮށް ދެއްވިއެވެ. މިފަސްކަމަކީ، ރީތިމަލެއް ފަސްފިޔައާއެކު ފަރިވެ ފޮޅިފައިވާހެން ދިވެހިރައްޔިތުންގެ ކުރިމަގަށް އެންމެބޭނުން ވެފައިވާ ފަސްކަންތައް ދިވެހި ރައްޔިތުންނަށް ފާގަތިކޮއްދޭނެ މެނިފެސްޓޯއެކެވެ. ފަސްބިންގަލެއްގެ މައްޗަށް ބެހިވައިވާ މިމެނިފެސްޓޯ އަކީ، ހުރިހާއާއިލާތަކަކަށް އުފާވެރިކަމާއި ފާގަތިކަން  ގެނެސްދޭނެ ކަންތަކެކެވެ. 

މިރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒާ މާރިޔާއަހްމަދު ދީދީއާއި ވަގުތީރައީސް އަލްފާޟިލް އިބްރާހީމް ހުސައިންޒަކީ ވެސް ވާހަކަފުޅު ދެއްކެވިއެވެ. މިރަސްމިއްޔާތު ވެގެންދިޔައީ މިހާތަނަށް އެމްޑީޕީ އިއްތިހާދުން ބޭއްވި އެންމެކާމިޔާބު ޖަލްސާއެވެ. އާރޓިފިޝަލްބީޗު ސަރަހައްދު އެކުގައިހެންވަނީ ފުރިބާރުވެފައެވެ. މިރަސްމިއްޔާތު ނިންމާލީ ހާޒިރުވެތިބި އެންމެން އަތާއިއަތް ގުޅާލުމާއެކު ހިއްލާލައިގެންތިބެ ހޭދަކޮށްލި އުފާވެރި ހިނދުކޮޅަކަށް ފަހުގައެވެ.