About US

 

 
އަޅުގަނޑުމެންގެ ވެބްސައިޓް
އަޅުގަނޑުމެންގެ ވެބްސައިޓުގެ ބޭނުމަކީ އަޅުގަނޑުމެންގެ މަގުސަދުތަކާއި، އުސޫލުތައް އަދި އިސްކަންދޭ ކަންކަމާބެހޭ މަޢުލޫމާތު އަޅުގަނޑުމެންގެ މެންބަރުންނަށާއި އަދި ހެޔޮއެދޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މިޕާޓީއަށް ވަންނަ މެންބަރުންނަށް އަޅުގަނޑުމެންގެ ވެބްސައިޓުގެ ތެރެއިން ޚިޔާލުފައުޅުކުރެވޭ ގޮތަށް އޮތުން އެއީ އަޅުގަނޑުމެންގެ ބިންގާ ވަރުގަދަ ކުރުމަށް މަގުފަހިވާނޭ ކަމެއްވެސްމެއެވެ.
 
 
 

އަޅުގަނޑުމެން

މިއަދު ރާއްޖެއަށް ވަނީ އައު ޚިޔާލު ބެނުންވެފައެވެ.

އަޅުގަނޑުމެން މި މިސައްކަތް ކުރަނީ އާޚިޔާލު ހުށަހަޅަންބޭނުންވާ، ރައްޔަތުންނަށް އަޅާލާ ތެދުވެރި ވެރިކަމަކަށް އެދޭ ފަރާތްތަކަށް އެކަމުގައި މަސައްކަތް ކުރަން ތަރަހައެއް ގައުމީ އިއްތިހާދުގެ ނަމުގައި ގާއިމުކުރުމަށެވެ.

ސިއްޙީ ފަރުވާއާއި ތަޢުލީމާއި ބޯހިޔާވަހިކަމާއި މަސްތުވާތަކެތިން ދިވެހިރާއްޖެ ސަލާމަތް ކުރުމާއި މިނޫންވެސް ކަންކަމަށް އައު ޚިޔާލު ބޭނުންވެއެވެ. މީގެ އިތުރުން އަހަރުމެންގެ ގައުމު ތަރައްގީ ކުރުމަށާއި އަހަރުމެންނަށް ކުރިން ލިބިފައިނުވާ އެންމެނަށް ބައިވެރިވެވޭ، އެންމެނަށް މަންފާ ހުރި ސަރުކާރެއް ގާއިމުކުރުމަށާއި ޑިމޮކްރަސީގެ ރޮގުން އާ އުސްމިންތަކެއް ޙާސިލު ކުރުމަށް އުފެއްދުންތެރި ޚިޔާލު ބޭނުންވެއެވެ. ޤައުމު އިސްލާޙު ކުރުމަށްޓަކައި ކުރާ މަސައްކަތުގައި ބައިވަރިވުމަކީ ކޮންމެ މީހަކަށްވެސް ލާޒިމް ކަމެކެވެ. ސިޔާސި ކަންކަމުގައި ބައިވެރިވުމުގެ ރަނގަޅު އުޞޫލުތައް ގާއިމު ކޮށްގެންނާއި ގިނަބަޔަކު ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެގެން ނެރެވޭ ބިނާކުރުވަނިވި ޚިޔާލުތަކުގެ އެހީގައި ގައުމަށް ހެޔޮބަދަލު ގެނެވޭނެއެވެ. ގައުމުގައިވާ ކަރަޕްޝަނާއި ނަހަމަކަން ހުއްޓުވާލެވިދާނެއެވެ.

ގައުމީ އިއްތިހާދު މަސައްކަތް ކުރާނީ މެދުމިނުގެ އުޞޫލުތަކެއްގެ ތެރެއިން ކޮރަޕްޝަނާ، ހައްދުފަހަނަ އަޅާދިއުމާ، ސިޔާސީ އަޅާނުލުމާ ދުރުވެތިބެގެންނެވެ. ރައްޔަތުންނާމެދު ވިސްނާ އެމީހުންނާ އަޅާލާ ލީޑަރުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހިތްވަރު ރައްޔަތުންނަށް ލިބިދޭން އަޅުގަނޑުމެން ބޭނުމެވެ.

ރައްޔަތުންގެ ޚިޔާލާ ޝުޢޫރާ ކަންކަމާމެދު ދެކޭ ގޮތާއި ކަންކަމުގެ ރަނގަޅު ހައްލުތައް ޢާއްމުކުރަން ބޭނުމެވެ.

ސުލްޙަވެރިކަމާއެކު ސިޔާސީ ހައްލުތައް ނެރުމަށްޓަކައި އަޅުގަނޑުމެނާ ބައިވެރިވެ ވަޑައިގަންނަވާށެވެ.



ގައުމީ އިއްތިހާދު އުފެއްދުމުގެ ބޭނުން

އަޅުގަނޑުމެން، ގައުމީ އިއްތިހާދު ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ބޭނުމަކީ އާ ޚިޔާލާއި އާ ވިސްނުމާއެކު އާ ސިޔާސީ ޕާރޓީއެއްގެ ތެރެއިން ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި މަސައްކަތް ކުރުމަށްބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމެވެ. ގައުމީ އިއްތިހާދުގައި ބައިވެރިވާނީ ޖަމާޢަތުގައި އަގު ހިފެހެއްޓިފައިވާ އަދި ގައުމީ އިއްތިހާދުގެ އުޞޫލުތަކާއި ގަވާއިދުތައް ގަބޫލުކުރާ ފަރާތްތަކެވެ.
ގައުމީ އިއްތިހާދު އުފެއްދުމުގައި ލީޑަރެއްގެ ގޮތުން މަސައްކަތްކުރަނީ ޑރ. މުޙަންމަދު ވަޙީދު ޙަސަންމަނިކެވެ. އަދި ނައިބު ލީޑަރެއްގެ ގޮތުގައި ޙަރަކާތްތެރިވަނީ ޑރ. މުޞްޠަފާ ލުޠުފީއެވެ.
ދިވެހި ގައުމު ތަރައްގީ ކޮށް ކުރިއަރުވައި އާރާސްތުކުރުމަށްޓަކައި ޚިޔާލު ފައުޅުކޮށް ހެދުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ވެސް ޒިއްމާއެކެވެ. ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް ތިޔަބޭފުޅުންނަށް ހުޅުވާލެވޭ މިފުރުސަތަކީ ތިޔަބޭފުޅުންގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ގައުމުގެ ކަންކަން ބައްޓަންކުރުމަށްޓަކައި މަސައްކަތް ކުރުމަށް ލިބޭ ފުރުސަތަކަށް ނޫނީ ނުވާނެއެވެ.