About US

ް ގައުމީ ތަރައްގީގައި އާ ކުރިއެރުންތައް ހޯދުން:
މި ގައުމުގެ ގުދުރަތީ މުއްސަދިކަމަކީ ދިވެހި ހުރިހާ ރައްޔަތުންގެ މިލްކެކެވެ. އެ މިލްކިއްޔާތުގައި ހިމެނޭ ބިމާ، ކަނޑު އަދި ޖައްވުން ލިބޭ އާމްދަނީ އަކީ ހުރިހާ ރައްޔަތުންގެ ހައްގެކެވެ. ވީމާ މިދެންނެވުނު މިލްކިއްޔާތުގެ ފައިދާ ހުރިހާ ރައްޔަތުންނަށް ހަމަހަމައަށް ލިބިދިނުމަށް މަސައްކަތް ކުރާނަމެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ދިވެހިރާއްޖޭގެ އާމްދަނީއަށް އައިސްފައިވާ ކުރިއެރުމުގެ ފައިދާ ރަނގަޅުގޮތުގައި ގިނަ ރައްޔިތުންނަށް ބެހެވިގެން ގޮސްފައެއް ނުވެއެވެ. ކަން އެހެން އޮތް އިރު އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުގެ ލިސްޓުން ރާއްޖެ އުނިވުމުން ރާއްޖޭގެ ތަރައްޤީއަށާއި ތަޢުލީމާއި ޞިއްޙަތު ފަދަ އިޖުތިމާޢީ ޚިދުމަތްތަކަށް ލިބެމުންދާ ބޭރުގެ އެހީ އުނި ވެގެން ދާނެއެވެ. އެހެންކަމުން ރާއްޖޭގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރަން ޖެހޭނެއެވެ. އިޤްތިސާދީ ގޮތުން ރާއްޖެ ކުރިއަރުވައި ތަކެތީގެ އަގު އަތް ފޯރާހިސާބެއްގައި ހިފެހެއްޓުމާއެކު ވަޒީފާތައް އިތުރުކުރުމަށް މަސައްކަތް ކުރާނަމެވެ. ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެކުއާރކަލްޗަރ ފަދަ ސިޔާއަތްތަކަށް އިތުރު ކުރިއެރުން ހޯދައި އިތުރު އިންޑަސްޓްރީތައް ރާއްޖޭގައި އުފެއްދުމަށް މަސައްކަތްކުރާނަމެވެ. ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ރާއްޖޭގައިވާ ވަކިވަކި ރަށްތަކުގެމެދުގައި ދަތުރުފަތުރާއި މުވާސަލާތީ ގުޅުން އުފެއްދޭނެއެވެ. އެގޮތުން މިޕާޓީގެ ފަރާތުން އަތޮޅުތެރޭގައި ލުއި ފަސޭހަގޮތަކަށް ކަނޑާއި ވައިގެ މަގުން ދަތުރުފަތުރު ކުރެވޭނޭ ނިޒާމެއް ގާއިމް ކުރާނަމެވެ. އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެއްގޮތަށް ބޮރޯޑްބޭންޑްފަދަ މުވާސަލާތީ ގުޅުންތައް ހުރިހާ ރައްޔަތުންނަށް ލިބިދޭނަމެވެ.

ޒުވާނުންގެ ތަރައްގީ އަށް މަސައްކަތް ކުރުން:
މިޕާޓީގެ ފަރާތުން ޒުވާނުންނަށް ޚާއްސަ ސަމާލުކަމެއް ދޭނަމެވެ. ޒުވާނުން ބިނާކުރުމަށްޓަކައި ތަފާތު ޕްރޮގުރާމުތައް ރާވައި ހިންގުމަށް މި ޕާޓީން މަސައްކަތް ކުރާނެއެވެ. ޒުވާނުންނާބެހޭ މަޝްރޫއުތައް އެބައިމީހުންގެ ޚިޔާލާ އެއްގޮތްވާގޮތުގެ މަތިން ރާވައި ޒުވާނުންގެ ސިއްޙަތު ކުރިއަރުވައި އުފެއްދުންތެރިކަމާއި ވަޒީފާ އިތުރުކުރުމާއެކު ދިރުއުޅުމުގެ ކަންތައް ރަގަޅުކުރުމަށް މަސައްކަތްކުރާނަމެވެ. މި މަސައްކަތަށްއެހީ ތެރިވުމަށްޓަކައި ޕާޓީގެ ޒުވާނުންގެ ކޮމިޓީގެ ފަރާތުން ފުޅާދާއިރާއެއްގައި ގައުމުގެ ޒުވާނުންނާ ޚިޔާލުބަދަލުކޮށް ޢަމަލީ ގޮތުން ޒުވާނުން އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިކުރާނެއެވެ. ރާއްޖޭގެ ސަގާފަތާ ކުޅިވަރު ކުރިއެރުވުން: ދިވެހިރާއްޖޭގެ އެކިއެކި ހިސާބުގައި ބަހުގެ ގޮތުންނާއި އާދަކާދައިގެ ގޮތުން ހުރި ތަފާތު ތަކަކީ ގައުމުގެ އެއްބައިވަންތަ ކަމުގެ ތެރޭގައި އޮތް މުއްސަދި ކަމެކެވެ. ވީމާ އެތަފާތުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އެކަންކަން ކުރިއެރުވުމަށް އެހީތެރިވާނަމެވެ. އަދިމީގެ އިތުރުން ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ތަރުހީބުދީ ދުނިޔޭގެ ފެންވަރަށް މިކަންކަން ގެންދިއުމަށް މަސައްކަތްކުރާނަމެވެ.

ޢާއިލާ ކުރިއެރުވުން:
ގައުމީ އިއްތިހާދު ގަބޫލުކުރާގޮތުގައި ގައުމުގެ ކުރިއެރުން ބިނާވާނީ ވަކިވަކި އާއިލާތަކުގެ ކުރިއެރުމުގެ މައްޗަށެވެ. އާއިލާތައް ތަރައްގީ ވާނީ އާއިލާތަކުގެ މެންބަރުންނަށް އެކުގައި ދިރިއުޅެވިގެންނެވެ. ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުމާއި ޖިސްމާނީ އަދި ނަފުސާނީ ކުރިއެރުން ލިބިދެވޭނީ، އަދި ދިވެހީންގެ ރީތި އާދަކާދަތައް ކުދިންނަށް ރައްދުކުރެވޭނީ މަންމަޔާއި ބައްޕައަށް ކުދިންނާއެކު ދިރިއުޅެވިގެންނެވެ. އެހެންކަމުން، ޢާއިލާގެ މެންބަރުން ވަޒީފާ ހޯދުމަށާއި ތަޢުލީމު ހޯދުންފަދަ ބޭނުންތަކުގައި އެކަކު އަނެކަކާ ވަކީން ދިގުމުއްދަތަކަށް އުޅެން ނުޖެހޭގޮތަށާއި އާޢިލީ ގުޅުންތަކަށް މަގުފަހިވާނެ ގޮތަށް އިޖުތިމާއީ އަދި އިގުތިސާދީ ކަންކަން ރޭވުމަކީ ގައުމީ އިއްތިހާދުން އިސްކަން ދޭނެ ކަމެކެވެ. މީގެ އިތުރުން، އަލަށް މައިންބަފައިންނަށް ވާން ބޭނުންވާ މީހުންނަށް އެކަމުގެ ތަމްރީނާއި އާއިލާ ފެށުމަށް ބޭނުންވާ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސާނަމެވެ. އަދި ހަމައެހެން ދުވަސްވީ މީހުންބެލުމަށް އާއިލާތަކަށް އެހީތެރިވާނަމެވެ.

އަންހެނުންނާ ކުޑަކުދިންގެ ޙައްގުތައް ލިބިދިނުން:
ދެޖިންސުގެ ހަމަހަމަކަން އިތުރުކުރުމުގެ ގޮތުން އިގްތިސާދީ އިޖްތިމާއީ އަދި ސިޔާސީ ގޮތުން އަންހެނުންނަށް ލިބެންޖެހޭ ހައްގުތަށް ލިބިދިނުމަށް މިޕާޓީން މަސައްކަތް ކުރާނަމެވެ. މިގޮތުން ވިޔަފާރީގެ ރޮގުންނާއި ވަޒީފާ ލިބުމުގެ ގޮތުން އަދި ސިޔާސީ ގޮތުން އިންތިޚާބުކުރެވޭ މަގާމުތަކުގައި އަންހެނުންނާ ދިމާވެފައިވާ ގޮންޖެހުންތަކުން އަންހެނުން ހިމާޔަތް ކުރުމަށްޓަކައި ގާނޫނުތައް ވަރުގަދަކޮށް އެގާނޫނުތައް ތަންފީޒުކުރާނަމެވެ. މީގެއިތުރުން ކުޑަކުދިންނާ ދޭތެރޭ ހިންގާ ނޭދެވޭ އަމަލުތައް ހުއްޓުވައި އެފަދަ އަމަލުތައް ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅުއަޅާނަމެވެ. މިގޮތުން އިސްލާމްދީނުގެ އުސޫލުތަކަށާ، ދިވެހިރާއްޖޭގެ ގާނޫނުތަކާށާ، އަންހެނުންނާ އަދި ކުޑަކުދިންނާ ގުޅޭގޮތުން ތަންފީޒުކުރަމުންދާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ފުރިހަމައަށް ޢަމަލުކުރަނަމެވެ.

ތިމާވެށި ހިމާޔަތް ކޮށް ރައްކާތެރިކުރުން:
ގައުމީ އިއްތިހާދު ގަބޫލުކުރާގޮތުގައި ގައުމުގެ ކުރިއެރުމާއި ތަރައްޤީއާ، ފާގަތިކަމާ އަދި ސަލާމަތްކަން ބިނާކުރެވޭ އެންމެ މުހިންމު އެއް ތަނބަކީ ތިމާވެއްޓެވެ. ދިވެހިރާޢްޖޭގެ ނާޒުކު ތިމާވެށި ސަލާމަތުން ބާއްވައިގެން އެއިން ފައިދާ ހޯދުމާއި ތިމާވެށީގެ ދިރާސާތަކުގެ ސަބަބުން އެ ފަންނުގެ ޢިލްމަށާއި ބައިނަލް އަޤުވާމީ ގުޅުންތަކަށް ރަނގަޅުގޮތުގައި ހިއްސާކުރެވޭކަން މި ޕާޓީން ކަށަވަރު ކުރާނަމެވެ. އެހެންކަމުން، ތިމާވެށި ސަލާމަތްކުރުމަށާއި ރައްކާތެރިކުރުމަށާއި ރަނގަޅުކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް މި ޕާޓީން ކުރާނަމެވެ. ތިމާވެށިންލިބިދޭ ޤުދުރަތީ ވަޞީލަތްތަކުން ދެމެހެއްޓެނިވިގޮތެއްގައި އިޤުތިޞާދީ ފައިދާ ހޯދުމުގެ ސިޔާސަތުތައް އެކުލަވައިލެވޭނެއެވެ. މި ޕާޓީން ދެކޭގޮތުގައި ތިމާވެށި ރަނގަޅަށް ބަލެހެއްޓުމަށްޓަކައި ތިމާވެށީގެ ރޮނގުން ދިރާސާތައް ކުރުމާއި އެ ކަމަށް މީހުން ބިނާކުރުމަކީ އިސްކަން ދޭންޖެހޭނެ ކަމެކެވެ. އޭގެ އިތުރުން، ހަކަތަ އާއި ފެނާއި ފާޚާނާގެ ނިޒާމާއި އެފަދަ ކަންކަމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމާއި "ފެހިކުރުމުގެ" ސިޔާސަތުތައް ބޭނުންކުރުމާޢި ދިރިއުޅުމުގެ ވައްޓަފާޅި ތިމާވެއްޓާއި ރައްޓެހި ގޮތުގައި ބައްޓަންކުރުމަށް މި ޕާޓީން މަސައްކަތް ކުރާނެއެވެ.