| English Site |
ގައުމީ އިއްތިހާދުގެ ތަސައްވުރު
އަޅުގަނޑުމެންގެ ތަސައްވުރަކީ ކުރިއެރުމެވެ. އަޅުގަނޑުމެން ދެކެން ބޭނުންވާ ދިވެހިރާއްޖެއަކީ، އިސްލާމީ އުސޫލުތަކާއި ދިވެހި އާދަކާދައިގެ މައްޗަށް ބައްޓަންވެފައިވާ، އަމާންކަމާއި ފާގަތިކަންމަތީ ފަރުދުން ދިރިއުޅެމުންދާ، ކުރިއަރައި ތަރައްޤިވެފައިވާ މިނިވަން ދިވެހިރާއްޖެއެކެވެ. އެފަދަ ކުރިއެރުމެއް ގައުމަށް ގެނެސްދިނުމަށްޓަކައި މަސައްކަތްކުރުމަށް ގައުމީ އިއްތިހާދު ވައުދުވަމެވެ.
ގައުމީ އިއްތިހާދު ގަބުލުކުރާގޮތުގައި ދިވެހީންނަކީ ގައުމުދެކެ ލޯބިވާ، ގައުމަށް ހެޔޮއެދޭ ބައެކެވެ. އަމިއްލަ ކުރިއެރުމާއި ޖަމާއަތުގެ ރައްކަލަށްޓަކައި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކާއި، ވަޒީފާ އާއި އާމްދަނީ ހޯދުމުގެ ފުރުސަތަށް އެދިތިބި، ދަރީންނަށް ކުރިމަގުގައި ބޭނުން ހިފޭފަދަ ތައުލީމަކާއި ޢާއިލާއާއި އެކު ދިރިއުޅެވޭނެ ހިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔަތެކެވެ. ޑްރަގްގެ ވަބާއާއި ކުށްކުރުމުގެ އާދައިން އެއްކިބާވެފައިވާ ގައުމެއް ބިނާކުރުމަށް ތައްޔާރަށް ތިބި ފަރުދުން ތަކެކެވެ. ގާނޫނުގެ ކުރިމަތީގައާއި ފުރުސަތުގެ ބޭނުން ހިފުން ހަމަހަމަ ގޮތަކަށް ލިބިދީފައި އޮތުން އެދޭ ބައެކެވެ.
އަޅުގަނޑުމެން ދެކެން ބޭނުންވަނީ މިކަންކަން ޙާޞިލުވެފައިވާ މުސްތަގުބަލެކެވެ. މިމުސްތަގްބަލް ފޯރުކޮށްދެވޭނީ ރައްޔަތުންގެ ޚިޔާލާއި ވިސްނުން ގަބޫލުކުރާ، ރައްޔަތުންގެ އަޑު އަހާ، ރައްޔަތުންނަށް ޖަވާބުދާރީވާ ބަޔަކަށެވެ. ފެއިލްވެފައިވާ ސިޔާސަތު ތަކަށް ތަކުރާރުކޮށް ތަރުހީބުދިނުމުގެ ބަދަލުގާ ދިވެހި ގައުމުގެ ދުވެލި އާ މިސްރާބަކަށް ބަދަލުކޮށްލަން ފިސާރިކެރިގެން ތިބި ބަޔެކެވެ.
ގައުމީ އިއްތިހާދަކީ ހުރިހާ ދާއިރާއެއްގައި ރާއްޖޭގެ އެންމެހާ ފަރުދުންނަށް ހަމަހަމަ ފުރުސަތު ތަކެއް ހޯދައިދިނުމަށް ރައްޔަތުންގެ އަޑުއަހައި އެމީހުންގެ އުއްމީދުތައް ހަގީގަތަށް ހެދުމަށް ދިވެހިރައްޔަތުންނާއި އަތާއަތް ގުޅުވައި، ފިސާރި ކެރިގެން ސިޔާސީ މައިދާނަށް ނިކުންނަ ބައެކެވެ.
