About US

އެންމެ ފުރަތަމައަށް އިސްކަންދޭނެ ކަންތައްތައް

ތިރީގައި މިވަނީ އަޅުގަނޑުމެން އިސްކަން ދީގެން އެންމެ ފުރަތަމައަށް ކުރަން މަސައްކަތްކުރާނެ ކަންތައްތަކެވެ. މިކަންކަން ޙާޞިލުކުރުމަށްޓަކައި ދިރާސާތައް ކުރުމާއި ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތަކަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ތާއީދު ހޯދުމަށްޓަކައި ތަޤުރީރު ކުރުމާއި ބަހުސުކުރުން ފަދަ ކަންތައް ބޭއްވުމާއި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ އަދި އެހެނިހެން ފަރާތްތަކާއެކު މަޝްވަރާކުރުން ފަދަ ކަންކަން ހިމެނޭނެއެވެ. މީގެ އިތުރުން މުސްތަޤުބަލުގައި، މި ޕާޓީގެ މެންބަރުން ޢާއްމު އިންތިޚާބުތަކުގައި ބައިވެރިވެ ކާމިޔާބުހޯދައިގެން އެކަމުން ލިބިދޭ ބާރުތަކުގެ ތެރެއިން މިކަންތައްތަކާއި މިފަދަ އެހެނިހެން ކަންތައްތައް ރައްޔިތުންނަށް ފަހިކޮށްދިނުމަށްޓަކައި މަސައްކަތް ކުރެވޭނެއެވެ.

ޑިމޮކްރެޓިކް ޤައުމެއްގެ ގޮތުގައި ރާއްޖެ ބިނާކުރުން: މިކަމުގައި ހިމެނެނީ ގިނަ ޕާޓީތައް ވާދަކުރާ، މިނިވަން، އިންސާފުވެރި އިންތިޚާބުތައް ބޭއްވުމަށް ބާރުއެޅުމާ، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެންނަން ޖެހޭ އިސްލާޙުތައް ގެނެސް ޝަރުޢީ ނިޒާމުގެ މިނިވަންކަން ޤާއިމު ކުރުމާ، ޑިމޮކްރެޓިކް ވެރިކަމަކަށް ބޭނުންވާ މުސްތަޤިއްލު މުއައްސަސާތައް ޤާއިމުކުރުމާ އަދި ޑިމޮކްރެސީއަށް ރައްޔިތުން ހޭލުންތެރިކުރުވައި މިނިވަންކަމާއެކު ޚިޔާލު ފަޅުކުރުމާއި ސިޔާސީ ޙަރަކާތުގައި ބައިވެރިވެއުޅުމުގެ މަގު ފުޅާކުރުމާއި އަދި މުޖުތަމަޢުގައި ކުށްކުރުން މަދުކުރުމަށާއި، ޑްރަގު ބޭނުންކުރުން ހުއްޓުވުމަށްޓަކައި ޝަރުޢީ ޙުކުމްތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމާއި ކުށްކުރާ މީހުން އިޞްލާޙުކުރެވޭނެ ގޮތްތައް ރޭވުމެވެ.

ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމާއި އަމާން ވެއްޓެއް ލިބިދިނުން: މިކަމުގައި ހިމެނެނީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާ އަދި އެހެނިހެން އަސާސީ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ލިބިދިނުމާ، ދެމެހެއްޓެނިވި ވިޔަފާރިއާ ތަރައްޤީއަށް މަގުފަހިވާފަދަ ގޮތެއްގައި އާބާދީތައް ހަމަޖެއްސުމާ، އެބަޔަކު ދިރިއުޅޭ އަތޮޅެއްގައި ތިބެގެން އުފެއްދުންތެރި މަސައްކަތް ކުރެވޭނެ ގޮތްތަކާއި އާމްދަނީ ހޯދޭފަދަ ފުރުޞަތުތައް ތަނަވަސްކުރުމާ، އިޤްތިޞާދީ ތަނަވަސްކަމުގެ ހިއްޞާ އިންސާފުވެރިގޮތެއްގައި އެންމެނަށް ލިބެމުންދާނެގޮތް ހެދުމާ، އަދި އަމިއްލައަށް އާމްދަނީ ނުހޯދޭވަރުގެ ނިކަމެތިންނަށް ގަދަރުވެރިކަމާ އެކު ދިރިއުޅުމުގެ ތަނަވަސްކަން ހޯދައިދިނުމެވެ.

މީހުން ބިނާކުރުން: މިކަމުގައި ހިމެނެނީ ތަޢުލީމީ މަރުޙަލާތަކުން ނިމޭ ޒުވާނުންނަކީ ކުރިއަރަމުންދާ ދިވެހި މުޖުތަމަޢުގައި ކާމިޔާބުކަމާއެކު ޙިއްސާވުމަށް ބޭނުންވާ ޢިލްމާއި ހުނަރާއި އިސްލާމީ ރިވެތި އަޚުލާޤާއި ޑިމޮކްރެޓިކް ސިފަތަކާއި މަސައްކަތުގެ ސުލޫކު ލިބިދެވިފައިވާ ބަޔަކަށް ހެދުމަށްޓަކައި މަންޙަޖުތަކަށާއި ތަޢުލީމީ ނިޒާމަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމާ، މި މަންޙަޖުތައް ހިނގުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާ، އަދި ކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގެ މައްޗަށް މައިންބަފައިންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ. މީގެއިތުރުން ތަރައްޤީގެ މުހިންމު މައްސަލަ ތަކުގައި ޒުވާނުންގެ ޚިޔާލާއި، ބައިވެރިވުން އިތުރުކުރުމާއި، ޒުވާނުން ބިނާކުރުމަށްޓަކައި ތަފާތު ޕްރޮގުރާމުތައް ރާވައި ހިންގުމެވެ.

ރަނގަޅު ފެންވަރުގެ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން: މިކަމުގައި ހިމެނެނީ ރާއްޖޭގައި ދެވޭ ޞިއްޙީޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާ، އަވަސްކަމާއެކު ލުއިފަސޭހަ ގޮތެއްގައި އެ ޚިދުމަތްތައް ލިބޭނެ ގޮތްތައް ހަމަޖެއްސުމާ، ބޭސްފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރެވޭނެފަދަ ގޮތަކަށް ރާއްޖެއިން ދެވޭ ސިއްޙީ ޚިދުމަތުގެ ކުރިމަގު ރޭވުމާ، އަދި 'އިޖުތިމާޢީ ރައްކާތެރިކަން' ފޯރުކޮށްދިނުމުގެ ހަރުދަނާ ނިޒާމެއްގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި ނިކަމެތިންނަށް ބޭސްފަރުވާ ހިލޭ ލިބޭނެގޮތް ހަމަޖެއްސުމެވެ.