About US

މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުން

ް

ރާއްޖެއަކީ ހުރިހާ ބާވަތެއްގެ މަސްތުވާ ތަކެތިން މިންޖުވެފައިވާ ރައްޔިތެއްތިބި ގައުމަކަށް ހެދުމަށް ގައުމީ އިއްތިހާދު މަސައްކަތް ކުރާނެއެވެ. މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމަށް މަގުފަހިކުރުމުގެ ގޮތުން، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުން އެއީ މުހިންމު ކަމެކެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ފަރާތްތަކާ އޭގެ ވިޔަފާރީގެ މުގުލުގައި ތިބޭ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ މަތީ އަދަބެއް ދޭންޖެހޭނެއެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުމުގެ ދޮރުތައް ބަންދުކުރުމަށްޓަކައި މިހާރަށްވުރެއް ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ޙާއްޞަކޮށް އިންޓެލިޖަންސް ހަރުދަނާ ކުރުމަށްޓަކައި މިކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޭނުންކުރުމާއި އަދި މިކަމަށް ހަރުދަނާ ނިޒާމްތަކަކާއި އެކަށީގެންވާ ޤަވާޢިދުތަކަކާއި އުޞޫލު ތަކެއް ތަޢާރަފްކުރުން ހިމެނެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކުރެވޭ މީހުން އެހެންމީހުންނާވަކިން ބަންދުކުރުމަކީ މުހިންމުކަމެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން އިޞްލާޙުވެ އެނބުރި މުޖްތަމަޢަށް ނުކުތުމަށް ބޭނުންވާ މީހުންނާއި ކުދިންނަށް ދުނިޔެ ގަބޫލުކުރާ ފެންވަރެއްގެ، އެކަށީގެންވާ ނަތީޖާއެއްނެރެވޭ ޕްރޮގްރާމުތަކެއް ބޭނުން ކޮށްގެން ހިންގޭ، ކުދިންނާއި ބޮޑެތިމީހުންނަށް ޚާއްޞަކުރެވި ވަކިން ހިންގޭ ރީހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމުކުރަން މިހާރުމިވަނީ ޖެހިފައެވެ.
މަތީގައި ދެންނެވިފައިވާފަދަ ޕްރޮގުރާމުތައް ހިންގުމަށމީހުން ތައްޔާރު ކުރަންޖެހޭނެއެވެ. މިގޮތުން އެފަދަ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ޤާބިލްމީހުން އުފެއްދުމާއި ، ރީހެބިލިޓޭޝަން ސެންޓަރ ތަކުގެ ހިންގުން ހަރުދާނާ ކުރުމާއި ދެވޭ ޚީދުމަތްތަކުގެ ފެންވަރު ރަގަޅު ކުރަންޖެހޭނެއެވެ.
މަސްތުވާ ތެކެތީގެ ވަބާއިން ކުޑަކުދިން ސަލާމަތްކުރުމަށްޓަކާ ކުޑަކުދިންކުރާ ކުށްތަކަށް އަދަބު ދިނުން ( ޖެވެނިއަލް ޖަސްޓިސް ސިސްޓަމް ) ހަރުދަނާކުރަންޖެހެއެވެ.
މަސްތުވާތަކެތިން މުޖްތަމަޢު ސަލާމަތް ކުރުމަށްޓަކައި ، މުޖްތަމަޢުގެ އިޖްތިމާޢީ އަގުތައް ހިފަހައްޓައި ، އިސްލާމް ދީނުގެ ރިވެތި އަޚްލާޤާއި އަދަބު ތައް އާލާ ކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްކުރަންޖެހެއެވެ.