| ޕްރިންޓު ކުރޭ |
ގައުމީ އިއްތިހާދުގެ ތަޞައްވުރު
އަޅުގަނޑުމެންގެ ތަސައްވުރަކީ ކުރިއެރުމެވެ. އަޅުގަނޑުމެން ދެކެން ބޭނުންވާ ދިވެހިރާއްޖެއަކީ، އިސްލާމީ އުސޫލުތަކާއި ދިވެހި އާދަކާދައިގެ މައްޗަށް ބައްޓަންވެފައިވާ، އަމާންކަމާއި ފާގަތިކަންމަތީ ފަރުދުން ދިރިއުޅެމުންދާ، ކުރިއަރައި ތަރައްޤިވެފައިވާ މިނިވަން ދިވެހިރާއްޖެއެކެވެ. އެފަދަ ކުރިއެރުމެއް ގައުމަށް ގެނެސްދިނުމަށްޓަކައި މަސައްކަތްކުރުމަށް ގައުމީ އިއްތިހާދު ވައުދުވަމެވެ.
ގައުމީ އިއްތިހާދު ގަބުލުކުރާގޮތުގައި ދިވެހީންނަކީ ގައުމުދެކެ ލޯބިވާ، ގައުމަށް ހެޔޮއެދޭ ބައެކެވެ. އަމިއްލަ ކުރިއެރުމާއި ޖަމާއަތުގެ ރައްކަލަށްޓަކައި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކާއި، ވަޒީފާ އާއި އާމްދަނީ ހޯދުމުގެ ފުރުސަތަށް އެދިތިބި، ދަރީންނަށް ކުރިމަގުގައި ބޭނުން ހިފޭފަދަ ތައުލީމަކާއި ޢާއިލާއާއި އެކު ދިރިއުޅެވޭނެ ހިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔަތެކެވެ. ޑްރަގްގެ ވަބާއާއި ކުށްކުރުމުގެ އާދައިން އެއްކިބާވެފައިވާ ގައުމެއް ބިނާކުރުމަށް ތައްޔާރަށް ތިބި ފަރުދުން ތަކެކެވެ. ގާނޫނުގެ ކުރިމަތީގައާއި ފުރުސަތުގެ ބޭނުން ހިފުން ހަމަހަމަ ގޮތަކަށް ލިބިދީފައި އޮތުން އެދޭ ބައެކެވެ.
އަޅުގަނޑުމެން ދެކެން ބޭނުންވަނީ މިކަންކަން ޙާޞިލުވެފައިވާ މުސްތަގުބަލެކެވެ. މިމުސްތަގްބަލް ފޯރުކޮށްދެވޭނީ ރައްޔަތުންގެ ޚިޔާލާއި ވިސްނުން ގަބޫލުކުރާ، ރައްޔަތުންގެ އަޑު އަހާ، ރައްޔަތުންނަށް ޖަވާބުދާރީވާ ބަޔަކަށެވެ. ފެއިލްވެފައިވާ ސިޔާސަތު ތަކަށް ތަކުރާރުކޮށް ތަރުހީބުދިނުމުގެ ބަދަލުގާ ދިވެހި ގައުމުގެ ދުވެލި އާ މިސްރާބަކަށް ބަދަލުކޮށްލަން ފިސާރިކެރިގެން ތިބި ބަޔެކެވެ.
ގައުމީ އިއްތިހާދަކީ ހުރިހާ ދާއިރާއެއްގައި ރާއްޖޭގެ އެންމެހާ ފަރުދުންނަށް ހަމަހަމަ ފުރުސަތު ތަކެއް ހޯދައިދިނުމަށް ރައްޔަތުންގެ އަޑުއަހައި އެމީހުންގެ އުއްމީދުތައް ހަގީގަތަށް ހެދުމަށް ދިވެހިރައްޔަތުންނާއި އަތާއަތް ގުޅުވައި، ފިސާރި ކެރިގެން ސިޔާސީ މައިދާނަށް ނިކުންނަ ބައެކެވެ.
އަޅުގަނޑުމެންގެ މަޤްޞަދު ތައް
1. އިސްލާމީ އުސޫލްތަކާއި ދިވެހި އާދަކާދައަށް އިސްކަންދީގެން ދިވެހި ވަންތަކަން ދިރުވާ ދެމެހެއްޓުން.
2. ޑިމޮކްރެޓިކް އުސޫލުން މަސައްކަތް ކޮށްގެން، ރައްޔިތުންނަށް ޖަވާބުދާރީވާ، ދިވެހިންގެ ކުރިއެރުމާއި ރައްކާތެރި ކަމަށް އިސްކަންދޭ ސަރުކާރެއް ޤާއިމްކޮށް ހިންގުން.
3. މަދަނީ ދާއިރާތައް ތަރައްޤީކޮށް ހަރުދަނާކޮށްގެންނާއި ބޭނުންވާ ޤަވާޢިދާއި ޤާނޫނުތައް ތަންފީޒުކޮށްގެން، އިންސާފުވެރި، ހަމަހަމަ، އަމާން މުޖުތަމައެއް ގާއިމުކުރުން.
4. ފެންވަރު ރަގަޅު ސިއްހީ ފަރުވާއާއި ތައުލީމާއި ހިޔާވަހިކަން ފަދަ އިޖުތިމާޢީ އެހީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިބިދީގެން އިންސާނީ ވަޞީލަތް ތަރައްޤީކުރުން.
5. އިންވެސްޓްމެންޓާ ބެހޭ އަރުތަވެރި ސިޔާސަތުތަކާއި ވިޔަފާރީގެ ހަރުދަނާ ނިޒާމުތައް ގާއިމުކޮށްގެން، ގައުމުގެ އިގްތިސާދު ތަރައްގީކޮށް ދެމެހެއްޓުން.
6. ޒުވާނުންގެ ކުރި އެރުމުގައި ހުރި ގޮންޖެހުންތައް ނައްތައި އެމީހުނަށް ހަމަހަމަ ފުރުސަތެއް ހޯދައިދީގެން ރަގަޅު މުސްތަގްބަލެއް ގާއިމު ކުރުމަށް މަސައްކަތް ކުރުން.
7. ތިމާވެށި ރައްކާތެރިކުރުމާއި މަދަނީ އެކިއެކި މަސަތްކަތުގައި ވެއްޓަށް އަންނަ ބަދަލު ވީހާވެސް ކުޑަ ވާނެ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރުމާއި އިޔާދދަކުރުވަނިވި ހަކަތައިގެ ބޭނުންކުރުމަށް އިސްކަންދިނުމާއި ވެއްޓަށް ގެއްލުންހުރި ތަކެތި ބޭނުން ކުރުން މަދުކޮށް ތިމާވެށި ހިމާޔާތް ކުރެވިފައިވާ ސަރަހައްދު ތަކެއް ގާއިމް ކޮށްގެން ގައުމުގެ ޤުދުރަތީ ވަޞީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުން.
8. ޕާޓީގެ މެންބަރުންނާއި، ޕާޓީ ކުރި އެރުވުމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް މަސައްކަތް ކުރުން.